ފިޤުހުފޮތް
ވަޢުޡު

ނަމާދުގައި ޚުޝޫޢަތްތެރިވުން

ނަޡީމް ނިޡާމް26 އޯގަސްޓު 20262 މިނެޓުގެ ކިޔުން

الحمد لله والصلاة والسلام على نبينا وحبيبنا محمد صلى الله عليه وسلم.

0.0.0.1ނަމާދުގައި ޚުޝޫޢަތްތެރިވުމަކީ ކޮބާ ހެއްޔެވެ؟

ނަމާދުގައި ޚުޝޫޢަތްތެރިވުމަކީ ނަމާދުގައި ﷲއަށް މަޑުމޮޅިވުމެވެ. އަދި ނަމާދުގައި ﷲއަށް ބިރުވެތިވެ ނިކަމެތިވުމެވެ. ނަމާދުގައި ދުނިޔަވީ އެހެން ހުރިހާ ޚިޔާލުތަކުން އެއްކިބާވެ ﷲއަށް ކުއްތަންވުމެވެ.

ﷲ تَعَالَى ވަޙީކުރައްވާފައިވެއެވެ.

﴿وَقُومُوا لِلَّهِ قَانِتِينَ﴾
”އަދި ތިޔަބައިމީހުން ﷲއަށް ކިޔަމަންތެރިވެ، މަޑުމައިތިރިކަމާ އެކު (ނަމާދުގައި) ޤާއިމުވެ ތިބޭށެވެ!“
[سُوْرَةُ الْبَقَرَة 238]

އަދިވެސް އެ އިލާހު ކީރިތި ޤުރުއާނުގައި މުއުމިނުންގެ ޞިފަތައް ބަޔާންކުރައްވަމުން ވަޙީކުރައްވާފައިވެއެވެ.

﴿قَدْ أَفْلَحَ الْمُؤْمِنُونَ * الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ﴾
”މުއުމިނުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެ ތިބޭ މީހުންނެވެ.“
[سُوْرَةُ المُؤمِنُون 2،1]

ޚުޝޫޢަތްތެރިކަމަކީ ނަމާދުގެ ރޫޙެވެ. ފަހެ ޚުޝޫޢަތްތެރިކަމެއް ނެތި ކުރާ ނަމާދަކީ އެއްވެސް ދިރުމެއް ނުވާ ހަމައެކަނި ޙަރަކާތްތަކެއްކަމުގައި ނޫނީ ނުވެއެވެ. ވުމާ އެކު ނަމާދުގައި ޚުޝޫޢަތްތެރި ވެވޭނީ ކިހިނެއްތޯ ބަލައިލަމާ ހިނގާށެވެ.

0.0.0.2ފުރަތަމައީ: ނަމާދު ކުރެވޭ ފަރާތް ދެނެގަތުން.

އެބަހީ ﷲ تعالىގެ މަތިވެރިކަމާއި އެ އިލާހުގެ ހައިބަތު ދެނެގަތުމެވެ. ނަމާދަށް ހުއްޓި ހުންނަ މީހާ އެ ހުންނަނީ ﷲ تعالىގެ ކުރިފުޅުމަތީގައެވެ. ފަހެ އެ އިލާހުގެ ހައިބަތު އެނގޭ މީހާ ނަމާދުގައި ބިރުވެތިވެ މަޑުމޮޅިވާނެއެވެ. އެއީ ނަމާދުގައި އެކަންޏެއް ނޫނެވެ. ކުރާ ކޮންމެ ޢަމަލެއްގައި ވެސް އިޚްލާޞްތެރިވާނެއެވެ. އިޙްސާންތެރިކަމާ ބެހޭގޮތުން ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ.

ޙަދީޘް
«أَنْ تَعْبُدَ اللهَ كَأَنَّكَ تَرَاهُ، فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاكَ»
”އެއީ ތިބާއަށް ﷲ تعالى ފެނިހުރެ އަޅުކަން ކުރާ ފަދައިން އަޅުކަންކުރުމެވެ. ފަހެ ތިބާއަށް އެ އިލާހު ނުފެނުނެއްކަމަކު، ހަމަކަށަވަރުން އެ އިލާހު ތިބާއަށް ބައްލަވާވޮޑިގެންވެއެވެ.“
މަޞްދަރު: [سُوْرَةُ المُؤمِنُون 2،1]
0.0.0.3ދެވަނައީ: އިސްލާމްދީނުގައި ނަމާދުގެ އަހަންމިއްޔަތު ދެނެގަތުން.

އިސްލާމްދީނުގައި ނަމާދުގެ މަތިވެރިކަން އެނގޭ މީހާ ނަމާދުތަކަށް ރައްކާތެރިވެ ނަމާދުގައި ޚުޝޫޢަތްތެރި ވާނެއެވެ. ނަމާދަކީ ޝަހާދަތުގެ ދެ ކަލިމައަށް ފަހު އަޅާގެ މައްޗަށްވާ އެންމެ ބޮޑު ވާޖިބެވެ. އެއީ އިސްލާމްދީނުގެ ތަނބެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ.

ޙަދީޘް
((وَعَمُودُهُ الصَّلَاةُ)) 
“އަދި އިސްލާމްދީނުގެ ތަނބަކީ ނަމާދެވެ.”
މަޞްދަރު: [رواه الترمذي وصححه الألباني]

އަޅާގެ ދުނިޔަވީ އަދި އުޚުރަވީ ޙަޔާތުގެ ބާއްޖަވެރިކަން ބިނާވެގެން ވަނީ ނަމާދުގެ މައްޗަށެވެ. ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނީ ވެސް ނަމާދުއަދާކުރި ގޮތުގެ ޙިސާބެވެ. ނަމާދުތަކަށް ރައްކާތެރިވެ އެ ނަމާދުތައް ފުރިހަމައަށް އަދާކޮށްފި މީހާ ކާމިޔާބުވެއްޖެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.

ޙަދީޘް
((إِنَّ أَوَّلَ مَا يُحَاسَبُ بِهِ الْعَبْدُ يَوْمَ الْقِيَامَةِ مِنْ عَمَلِهِ صَلَاتُهُ فَإِنْ صَلُحَتْ فَقَدْ أَفْلَحَ وَأَنْجَحَ وَإِنْ فَسَدَتْ فَقَدْ خَابَ وَخَسِرَ)) 
މާނައީ: “ހަމަކަށަވަރުން އަޅާގެ ޢަމަލުތަކުގެ ތެރެއިން، ޤިޔާމާތް ދުވަހު އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނީ އެމީހެއްގެ ނަމާދާ ބެހޭގޮތުންނެވެ. ފަހެ ނަމާދު ރަނގަޅުވެއްޖެނަމަ، ނަޖާވެ ކާމިޔާބުވެއްޖެއެވެ. ނަމާދު ފަސާދަވެއްޖެނަމަ ގެއްލި ހަލާކުވެއްޖެއެވެ.”
މަޞްދަރު: [رواه أبو داود والترمذي والنسائي وصححه الألباني]

މުސްލިމުންގެ ދެވަނަ ޚަލީފާ ﷲ ރުއްސުންލެއްވި ޢުމަރު ބުނު އަލްޚައްޠާބު ވިދާޅުވެފައިވެއެވެ.

ޙަދީޘް
“لَا حَظَّ فِي الإِسْلامِ لِمَنْ تَرَكَ الصَّلاةَ”
“ނަމާދު އަޅާ މީހާއަށް އިސްލާމްކަމުގެ އެއްވެސް މިންވަރެއް ނުވެއެވެ.”
0.0.0.4ތިންވަނައީ: ނަމާދުގައި ކިޔާ ޛިކުރުތަކުގެ މާނަ ދެނެގަތުން.

ނަމާދުގައި ކިޔާ ޛިކުރުތަކުގެ މާނަ ދެނެގަތުމުގެ ސަބަބުން ނަމާދު ކުރާއިރު އެހެނިހެން ޚިޔާލުތަކުން ދުރުވުމަށް ފަސޭހަވެގެންދާނެއެވެ. ނަމާދުގެ ޛިކުރުތަކުގެ އިތުރުން އިމާމުން ޢާންމުކޮށް ކިޔަވާ ތިރީ ކުދި ސޫރަތްތަކުގެ މާނަ އުނގެނޭށެވެ. އިމާމު މީހާ ކިޔަވަމުން ދާއިރު މާނައަށް ވިސްނުމަކީ އެހެނިހެން ފިކުރުތަކުން ދުރުހެލިވުމަށް އެހީތެރިވެދޭނެކަމެކެވެ.

0.0.0.5ހަތަރުވަނައީ: ނަމާދުގައި މަރު މަތިން ހަނދުމަކުރުން.

ދުނިޔޭގައި ލިބިފައި މިހާ ވަޤުތުކޮޅަކީ މަދު ވަޤުތުކޮޅެކެވެ. މަރު އައިސް ބައްދަލު ކުރާނީ ކޮންއިރަކުންކަމެއް އެއްވެސް މީހަކަށް ނޭނގެއެވެ. ވުމާ އެކު ކުރާ ކޮންމެ ނަމާދަކީ ވެސް ތިބާގެ އެންމެ ފަހު ނަމާދަށް ވެދާނެކަމަށް ހީކޮށް ނަމާދުކުރާށެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ.

ޙަދީޘް
((وَاذْكُرِ الْمَوْتَ فِي صَلَاتِكَ فَإِنَّ الرَّجُلَ إِذَا ذَكَرَ المَوْت فِي صَلَاتِهِ لَحَرِيٌّ أَنْ يُحْسِنَ صَلَاتَهُ)) 
“ތިބާ ނަމާދުކުރާއިރު މަރު ހަނދުމަކުރާށެވެ. ފަހެ ހަމަކަށަވަރުން އަޅާ، އޭނާގެ ނަމާދުގައި މަރު ހަނދުމަކުރާނަމަ، އޭނާގެ ނަމާދު ފުރިހަމަކުރުމަށް އަހައްމިތްތަތުކަން ދޭނެއެވެ.”
މަޞްދަރު: [أخرجه البيهقي في كتاب الزهد الكبير وحسنه الشيخ الألباني]

ޚުޝޫޢަތްތެރިކަމަކީ ﷲ ދެއްވާ ނިޢުމަތެކެވެ. އެ އިލާހު އެ ކަމުގެ ހެޔޮ ތައުފީޤު ދެއްވާ އަޅަކަށް މެނުވީ ނުލިބޭނެއެވެ. ވުމާ އެކު ޚުޝޫޢަތްތެރިވުމަށް އަޅުގަނޑުމެން މަސައްކަތް ކުރާ ޙާލު، އެ ކަމަށް އެދި ދުޢާކުރަން ވެސް ޖެހޭނެއެވެ. ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނު ދުޢާ ކުރައްވާއިރު ވިދާޅުވާ ކަމުގައި ވެއެވެ.

ޙަދީޘް
((اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ قَلْبٍ لَا يَخْشَعُ)) 
”އޭ ﷲ! ހަމަކަށަވަރުން (އިބަ އިލާހަށް) ބިރުވެތި ނުވާ ހިތަކުން، މިއަޅާ އިބަ އިލާހުގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ.“
މަޞްދަރު: [رواه الترمذي وصححه الألباني]

أسأل الله أن يجعلنا من الخاشعين.

އަޅަމެން އެންމެނަކީ ވެސް މާތް ﷲއަށް ބިރުވެތިވާ ބައެއްކަމުގައި ލައްވާށި! 

8
ޙިއްޞާކުރައްވާWhatsAppTelegramViberFacebook
މިބާވަތުގެ އިތުރު ލިޔުންތައް